ޚަބަރު

ޔޯގާ ހަރަކާތް ހުއްޓުވަން މިނިސްޓްރީއިން ފުލުހުންނަށް އެންގިކަން ހާމަވެއްޖެ

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތު މިނިސްޓްރީ އިން މިދިޔަ ހަފްތާ ކުރިއަށްގެންދިޔަ ޔޯގާ ޑޭ ހަރަކާތް ހުއްޓުވަން އިސްލާމިކް މިނިސްޓްރީއިން މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދުނުކަން ހާމަވެއްޖެއެވެ.

“ބޮންތި” އަށް ވަނީ މިހަރަކާތް ހުއްޓުވުމަށްއެދި އިސްލާމިކް މިނިސްޓްރީއިން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ފޮނުވާފައިވާ ސިޓީ ލިބިފައެވެ. ޕޮލިސް ކޮމިޝަނަރ ހަމީދަށް ފޮނުވާފައިވާ މި ސިޓީގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި، އަދި ގާނޫނު އަސާސީގެ 4 ވަނަ މާއްދާގެ (ހ) ގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ހިލާފުއުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް އަމަލު ކުރުމާއި، މިއިން އެއްވެސް ކަމެއް ކުރުމަކީ، ނުވަތަ ކުރަން އުޅުމަކީ މަނާ ކަމެއް ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

އަދި ޔޯގާ އަކީ މުސްލިމުންނަށް ހަރާމް ކުޅިވަރެއް ކަމަށް މިސްރުގެ ފަތުވާދޭ މަޖްލީހުންނާއި، މެލޭޝިއާގެ ޤައުމީ ފަތުވާދޭ މަޖްލީހުން ފަތުވާ ދީފައިވާކަމަށް މިސީޓީގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޔޯގާ އަކީ މުސްލިމުންގެ މައްޗަށް އަޅުަމެއްގެ ގޮތުގައިވެސް އަދި ކުޅިވަރެއްގެ ގޮތުގައިވެސް ހުއްދަ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ފަތުވާތަކާއި ހަވާލާދީ ބުނެފައިވަނީ ޔޯގާއަކީ ހިންދޫއިންގެ އަޅުކަމެއް ކަމަށާއި، އެއީ އެމީހުންގެ ދީނީ ސަގާފަތާއި ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ، އިތުއަރާ ވަގުތު އިރަށް ކުރުނީސްކޮށް، އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކު ހިމެނޭގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

މިކަންކަން މިހެން ހުރުމާއެކު އެމިނިސްޓްރީގެ މި ސިޓީގައި ވަނީ މިފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތާއި ހިލާފު ކަމަކަށް ވާތީއާއި، ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަމެއް ކަމުގައި ވާތީ، އެފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ފިޔަޅެއް އެޅުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް އަންގާފައެވެ.

15 ޖޫން 2022 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއން ފުލުހުންގެ އިދާރާއަށް މި ސިޓީ ފޮނުވާފައިމީނަމަވެސް، 21 ޖޫން 2022 ވީ އަންގާރަ ދުވަހު ވަނީ ގަލޮޅު ދަނޑުގައި ފުލުހުންގެ އެއްބާރުލުމާއެކު ޔޯގާ ހަރަކާތް ކުރިއަށްގެންގޮސްފައެވެ. އަދި ގިނަ އަދެއްގެ ބަޔަކު ގަލޮޅު ދަނޑަށް ވަދެ އެހަރަކާތް ހުއްޓުވައިލުމުންވެސް ފުލުހުން ވަނީ ސެކިއުރިޓި ވަރުގަދަކޮށް އެހަރަކާތް އަލުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button